ރައީސުލްޖުމްހޫރިއްޔާ، ޑރ.މުހައްމަދު މުއިއްޒު، މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

ރައީސް މެލޭޝިއާއަށް ކުރެއްވި މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން މަރުޙަބާ ދަންނަވާފައި ވަނީ ޕުތްރަޖާޔާގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ދެ ގައުމުގެ މެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތައް ބާއްވާފައިވަނީ ޕުތުރާ ޕަރްދާނާގައެވެ. މި މަޝްވަރާތަކުގައި ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ފުރުޞަތުތަކާއިމެދު މަޝްވަރާކުރެވުނެވެ.

ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުންދިނުމާއި ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީއޯއެން) ވެސް ވަނީ ބަދަލުކޮށްފައެވެ.

މި ފަހުމުނާމާތަކާއި އީއޯއެން ތައް ބަދަލުކުރުމަށްފަހު، ދެ ގައުމުން ވަނީ ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުމެއްވެސް ބާއްވަވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ދެ ގައުމުން ހިއްސާކުރާ އުސޫލުތަކާއި އިޤްތިޞާދީ ދާއިރާއިންނާއި ބައިނަލްއަގުވާމީ ސުލްޙައަށް ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މިދަތުރުފުޅުގައި ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުސަތުތަކުގެ މައްޗަށް ރައީސް ވަނީ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމް 2025ގައި ވާހަކަފުޅު ދައްކަވާފައެވެ.

މި ފޯރަމްގައި މެލޭޝިއާގެ ބޮޑުވަޒީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ މިދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މިހަފުލާގައި، ރައީސް ދިވެހި އައިޑީ ކާޑުގެ ހިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ހިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި އަދި ”މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން“ އިފްތިތާހުކޮށްދެއްވިއެވެ.

މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް، ”އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް“ ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއްވެސް އެރުވިއެވެ.

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރާތްކުރައްވައި، ހައިކޮމިޝަންގެ މުވައްޒަފުންގެ މަސައްކަތް ބައްލަވާލައްވައި، އެމުވައްޒަފުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި، މެލޭޝިއާއަކީ އެންމެ ގިނަ ދިވެހިން އެކި ކަންކަމުގައި ދިރިއުޅޭ ގައުމު ކަމަށާއި ކޮންމެ ދިވެހި ރައްޔިތަކަށް ތަފާތުކުރުމެއް ނެތި އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދެވެން ވާނޭކަމަށް އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކެބިނެޓް ވަޒީރުންނާއި ދައުލަތުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.