ފުރާޅެއް މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ރައްޔިތުންނަށް ބެލޭނެ ގޮތް ހެދުމަށް ޕޯޓަލްއެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުންގެ ތަގުގީގު ގޮސްފައިވާ ހިސާބު ބަލައި، ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން މިއަދު މަސައްކަތް ފަށާނެކަން ހާމަކުރުމަށް ކޮމިޝަނުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ވަނީ ބާއްވައިފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ، މިއީ ހައްސާސް މައްސަލައަކަށްވެފައި ގިނަ ރައްޔިތުންގެ ވެސް ކަންބޮޑުވުން ހިމެނޭ މައްސަލައަކަށްވާތީ، މައްސަލައާ ގުޅޭގޮތުން ރައްޔިތުންނާ މައުލޫމާތު ހިއްސާ ކުރުމަށް ޕޯޓަލެއް ހުޅުވުމުގެ މަޝްވަރާތައް މިހާރު އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ.

އަދި މިހާރު ޕޯޓަލް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް މި މައްސަލައާ ގުޅޭ މައުލޫމާތު ދެވޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

އަދި މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ކޮމިޝަނާ ސުވާލު ކުރެވޭނެ ކަމަށާއި، ކުރެވޭ ސުވާލުތަކަށް ޖަވާބުވެސް ކޮމިޝަނުން ދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ މައްސަލައިގައި ފުލުހުން މިހާރު ކުރަމުންދާ ތަހުގީގާ އެ ކޮމިޝަނުން ނުބެހޭނެ ކަމަށެވެ.

ނަމަވެސް އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ބަލައި، މިހައިތަނަށް އެއްކުރި މައުލޫމާތު ހޯދައި، މައްސަލައިގެ ހަގީގަތަށް ވާސިލުވާން ކުރަންޖެހޭ ކަންކަން ކޮމިޝަނުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ހާއްސަ ކޮމިޝަނަށް ފުލުހުންގެ ފަރާތުން ވެސް ލިބެންޖެހޭ އެއްބާރުލުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ނޫން ނަމަ، ކަމާ ގުޅިގެން އެޅެން އޮތް ފިޔަވަޅެއް ކޮމިޝަނުން އަޅާނެ ކަމަށެވެ.

މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ކޮމިޝަނާ ސުވާލު ކުރެވޭނެ ކަމަށާއި، ކުރެވޭ ސުވާލުތަކަށް ޖަވާބުވެސް ކޮމިޝަނުން ދޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުރުން  ކޮމިޝަނުން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތައް ވެސް އެ ޕޯޓަލުން ފެންނާނެ ކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ.