ނެއްލައިދޫ ރައްޔިތުންނަށް އިގްތިސާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް ތިލަދުންމަތީ ދެކުނުބުރީ ”ހިރިނައިދޫ“ އަކީ އެ އަތޮޅު ”ނެއްލައިދޫ“ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ކަނޑައަޅުއްވައިފައިވާކަން ހާމަކުރެއްވީ މިއަދު ނެރުއްވި ގަރާރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

މިއަދު ނެރުއްވި ގަރާރުގައި ތިލަދުންމަތީ ދެކުނުބުރީ ”ހިރިނައިދޫ“ ގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ތިލަދުންމަތީ ދެކުނުބުރީ ”ހިރިނައިދޫ“  އެ އަތޮޅުގެ ”ނެއްލައިދޫ“ ގެ ބައެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ.

”ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން“ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި  މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު އަދާހަމަކޮށް، މި ގަރާރުގެ ޖަދުވަލުގައި ހިމަނައިފައިވެއެވެ.

ނެއްލައިދޫ ރައްޔިތުންނަށް އިގްތިސާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ކައިރީގައިވާ ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ 25 ފެބުރުވަރީ 2024 އިން 27 ފެބުރުވަރީ 2024 އަށް އެމަނިކުފާނު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހދ. ނެއްލައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.