ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު (މޯލްޑިވްސް ނޭޝަނަލް ސާވިސް) ގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިފެންސް މިނިސްޓްރީން މިރޭ ހުޅުވައިލައިފިއެވެ.
އެ ހިދުމަތުގައި ބައިވެރިވުމަށް ކުރިމަތިލެވޭނީ، އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
އޭގެ ތެރެއިން، އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކު، ގައުމީ ހިދުމަތާ ގުޅުމަށް ހުށަހަޅާ އިރު، އެކަމަށް ބެލެނިވެރިޔާ އިއުތިރާޒު ނުކުރާކަމުގެ އިގުރާރެއް ހުށަހަޅަން ވާނެއެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޒުވާނުން، ”ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު، އީމެއިލް މެދުވެރިކޮށް ނުވަތަ ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅުމަށް އެ މިނިސްޓްރީން އެދިފައެވެ.
އީމެއިލް ކުރާނީ applyfor.mns@defencegov.mv އަށެވެ.
މި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫންމަހުގެ 1 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ. އިތުރު މައުލޫމާތު ހޯދުމަށް 3035830 އަށް ގުޅައިލާށެވެ.
ރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމެކެވެ.
އެ ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އެ ޕްރޮގްރާމަކީ، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނުކޮށް، ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސާވިސްގެ ތެރެއިން ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދީ، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު، އެކަކު އަނެކަކަށް އިހުތިރާމު ކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ހެދުމަށް ހިންގާ ޕްރޮގްރާމެކެވެ.

