މަސައްކަތްތެރިންގެ އަޑު އެހުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ބައިނަލްއަގްވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ވިދާޅުވީ މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މޭ މަހުން ފުރަތަމަ ދުވަސް މުޅި ދުނިޔޭގައި ފާހަގަ ކުރެވެމުން ދިޔަ ނަމަވެސް، ކޮންމެ ދުވަހަކީވެސް މަސައްކަތްތެރީންގެ ދުވަހެއް ކަމަށެވެެ.
އެމަނިކުފާނު ވިދާޅުވީ، ކޮންމެ ދުވަހަކުވެސް މި ގައުމު ކުރިއަށް ފިޔަވަޅުތަކެއް އަޅަނީ މަސައްކަތްތެރީންގެ ސަބަބުން ކަމަށެވެ.
”އެހެންކަމުން، މަސައްކަތްތެރީންގެ އަޑު އެހުމުގައި، އަދި މަސައްކަތްތެރީންނަށް މަގުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރު ކުރެވޭނެ ގޮތްތައް ހޯދައި ދިނުމުގައި ކޮންމެ ދުވަހަކުވެސް ސަރުކާރު ދެމި އޮންނާނަމެވެ،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން ރާއްޖޭގައި ކުރެވޭ އިގްތިސާދީ މަސައްކަތްތައް އިތުރުކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމަށް އިސްކަން ދެމުންދާ ކަމަށެވެ.
އެގޮތުން ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބޭ އުޖޫރަ އިތުރުވާނެ ގޮތްތައް ހޯދައި ދިނުމަށާއި، އެކި ދާއިރާތަކުގެ ހިދުމަތްތެރީން ދަފްތަރުކޮށް ހިޔާވަހިކަމުގެ ސްކީމްތަކާއި، ބޭންކުން ލޯން ލިބުން ފަދަ ކަންކަން ފަސޭހަކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަށް ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ވިދާޅުވިއެވެ.
ގައުމަށް ފައިދާ ހުރި މަސައްކަތްތެރި އަތްތައް ގިނަކުރުމަށްޓަކައި، މަސައްކަތުގެ އަހުލާގާއި، ހުނަރު ދަސްކޮށްދިނުން ތައުލީމީ މަންހަޖުގައި އިތުރުކުރަންޖެހޭ ކަމަށާއި ވަޒީފާ އަދާކުރާ ބިދޭސީން ރަނގަޅަށް ބެލެހެއްޓި، ގާނޫނު ތަންފީޒު ކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ ކޮންމެ ކުއްޖަކީވެސް މަސައްކަތްތަކަށް އަހުލުވެރި ހީވާގި ކުއްޖެއްގެ ގޮތުގައި ބޮޑުކުރަން ހާއްސަ ސަމާލުކަމެއް ދިނުމަށް ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ.
އެއާއެކު، އެންމެ ދިވެއްސަކުވެސް، މަސައްކަތެއް ނުކޮށް ބާކީ ވެގެންދާން ދޫކޮށް ނުލަން މުޅި މުޖުތަމަޢު ގުޅިގެން ގައުމީ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެ މިއަދު މި ދެކޭ ހިސާބަށް ގެނެސްދިނީ މަސައްކަތްތެރީން ކަމަށާއި އަދި، މާދަމާ ޤައުމު ދާން އުންމީދު ކުރާ އުސްމިންތަކަށް ވާސިލުކޮށްދޭނީ ވެސް މަސައްކަތްތެރީން ކަމަށް ރައީސް ވިދާޅުވިއެވެ.

