ބޯހިޔާވަހިކަމަށް ދޫކުރާ ”ހިޔާވެހި“ ލޯނަށް އެދުމުގެ ފުރުސަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ވިދާޅުވީ އަލުން މުއްދަތު އިތުރު ކުރީ ވަރަށް ގިނަ ބަޔަކު އެކަމަށް އެދެމުން ދިޔުމާ ގުޅިގެން ކަމަށެވެ.

އެހެންވެ ލޯނަށް އެޕްލައި ކުރުމުގެ ފުރުސަތު މިހާރު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

”ހިޔާވަހި“ ލޯން ސްކީމަށް އެންމެ ފަހުން މުއްދަތު އިތުކުރީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އޭރު ދިން މުއްދަތު ހަމަވީ މިދިޔަ މަހުގެ 29 އަށެވެ.

ލޯނަށް އެދި ހުށަހަޅަން ޖެހެނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

މި ލޯނަކީ ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު އިމާރާތް ނުކުރެވި ތިބި މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ދޫކުރާ ލޯނެކެވެ.

ލޯނު ދޭނީ ބިމުގެ ރަޖިސްޓްރީ ބޭންކުގައި ރަހުނުކުރުމަށް ފަހު އެވެ، އަދި ލޯނުގެ އިންޓަރެސްޓަކީ 5 ޕަސެންޓެވެ.

ލޯނު އަނބުރާ ދައްކަން ގިނަވެގެން 25 އަހަރު ދޭނެއެވެ. އަދި ލޯނުގެ ގްރޭސް ޕީރިއަޑަކީ ގިނަވެގެން 18 މަހެވެ.