ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ”ކުރަނގި“ގެ ދަށުން މިހައިތަނަށް 150،000 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ބައޯމެޓްރިކްސް ނަގަން ފަށާފައިވަނީ މިދިޔަ މޭ މަހުގެ ދެ ވަނަ ދުވަހުއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީ މަސައްކަތްތެރިންގެ ހާލަތާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

އެގޮތުން ގަވައިދާ ހިލާފަށް އުޅެމުން މަސައްކަތްކުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެ މީހުންގެ އަސާސީ އިންސާނީ ހައްގުތައްވެސް ވަނީ ނިގުޅައިގަނެވިފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

”މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް. މިކަމަށްޓަކައި ކުރެވޭ އެއްމެ ފުރަތަމަ އަދި އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުން“ ރައިސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް 150،000 ބިދޭސީ މަސައްކަތްތެރީންގެ އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަނަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަޕްޑޭޓްކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.