މަސްވެެރި ސިނާއަތުގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ މުހިންމު ލަނޑުދަނޑިތަކެއް މިހާތަނަށް ހާސިލު ކޮށްފަވާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ޝިޔާމް ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ބައްދަލުކުރިއިރު އެކި ދާއިރާތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ މަސައްކަތްތެރިންގެ ޒަމާންވީ ގިނަ ގޮންޖެހުންތަކަކަށް ހައްލުހޯދުމުގައި ސަރުކާރުން ބޮޑެތި ކުރިއެެރުންތަކެއް ހޯދާފައިވާކަމަށެވެ.
އެގޮތުން މަސްވެރިންނަށް ވޭތުވެދިޔަ ސަރުކާރުން ނުދީ ހުރި 250 މިލިޔަން ރުފިޔާ މަސްވެރިންނަށް ދައްކާ ހަލާސްކޮށް، މަސްވެރިން ބާނާމަހަށް 48 ގަަޑި އިރުތެރޭގައި ފައިސާދޭން ފައްޓާ އަދި ފުރަތަމަ ފަހަރަށް މަސްވެެރިންނަކީ ދައުލަތް ދަންނަ ވަޒީފާއެއް އަދާކުރާ ބައެއްގެ ގޮތުގައި ބަލައިގަންނަ ބަޔަކަށް ހައްދަވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މަސްވެރިންގެ ދަފްތަރާއެކު އެހެން ވަޒީފާތައް އަދާކުރާ ފަރާތްތަކެކޭ އެއްގޮތަށް ބޭންކްގެ ފެސިލިޓީތަކުން މާލީ އެހީ ހޯދުމުގެ ފުރުސަތު މަސްވެރިންނަށްވެސް މިހާރު ލިބިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

