ސަރުކާރުން ވެފައިވާ ވަޢުދުތަކާ އެއްގޮތަށް ޤައުމު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ރައީސް ޑރ.މުހައްމަދު މުއިއްޒު، ހިއްސާ ކުރައްވައިފިއެވެ.
އެމަނިކުފާނު މި މައުލޫމާތު ހިއްސާ ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.
ނޫސްވެރިންނަށް މައުލޫމާތު ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާއި، ރިޔާސީ ކެމްޕެއިން ވައުދަކާއި، ދަތުރުފުޅުތަކުގައި ވަޢުދުވެވަޑައިގަތް ކަންކަމުގެ އިތުރުން އެކި އިވެންޓުތަކުގައި ވެވަޑައިގެންނެވި ވައުދުތައް ހިމެނޭހެން މިހާރު ޖުމްލަ 2129 ވައުދު ހިމެނޭކަމަށެވެ.
އަދި މުޅި ގައުމުގެ ކުރިއެރުމަށްޓަކައި، މި ވައުދުތައް ފުއްދުމަށް އެކިދާއިރާތަކުން ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި އެކަންކަމަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސް ވާހަކަފުޅުގައި ޤައުމު ތަރައްގީގެ ކަންކަން ކުރިއަށްގެންދާއިރު އެންމެ އިސްކަމެއް ދެއްވާނީ އިސްލާމްދީނުގެ ހަމަތަކާއެއްގޮތަށް ކަންކަން ކުރިއަށްގެންދިއުމަށްކަމަށާއި، ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އަސާސަކަށްވާނީ ހުރިހާ ހާލަތެއްގައިވެސް ދިވެހީންގެ މަސްލަހަތު އިސްކޮށް ދިވެހީންގެ މިނިވަންކަމާއި، ސިޔާދަތީ ބާރު ހިމާޔަތްކޮށް ދެމެހެއްޓުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މިކަންކަމަށް ބެއްލެވުމާއެކު، ހުރިހާ ގައުމުތަކާއެކު ގާތްގުޅުން ބޭއްވުމަށް މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ދާއިރާތަކުން ކުރައްވާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ހިއްސާ ކުރައްވާފައެވެ.
އަދި އެއަށްފަހު އެމަނިކުފާނު ވަނީ ނޫސްވެރިންގެ ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ.
މިގޮތުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ހުރިހާވެސް އަމާޒަކީ، ނަތީޖާ ނެރުންކަމަށެވެ.
އަދި ނަތީޖާއަށް ދިއުމުގައި ހުރަސްތަކެއް ދިމާވާނަމަ، އެކަންމުން އެންމެ ގެއްލުން ކުޑަ ޙައްލެއް، އަވަހަށް ހޯދައިގެން އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތެއްގައި ދެއްވުމަށް ކުރަމުންދާ މަސައްކަތްތައްވެސް ހިއްސާ ކުރެއްވިއެވެ.
މިގޮތުން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ތެރޭގައި އެކިދާއިރާތަކުން ސްޕެޝަލައިޒްޑް ވެފައި ތިއްބެވި ޑޮކްޓަރުން، ބަލިމީހުންނަށް ހިދުމަތް ދެވޭގޮތަށް، ބެލޭ ވަގުތު އިތުރުކުރެވޭ އޯ.ޕީ.ޑީ ކްލިނިކްތަކެއް ހަދަން މިހާރު ނިންމާފައިވާކަމަށާއި އެކަން ކުރުމަށް މަސައްކަތްތަކެއް ކުރެވޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ރައްޔިތުން އެދޭ ގޮތަށް ވީހާވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކުރަމުންދާ ކަންކަންވެސް އެމަނިކުފާނު ޙިއްޞާކުރެއްވިއެވެ.

