މ. މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ އަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫއު ފައްޓަވައިދެއްވީ މިއަދު މުލީގައި އެކަމަށްޓަކައި ހާއްސަކޮށް ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

‎މުލި – ނާލާފުށި ކޯޒްވޭ ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 600 ދުވަސް ތެރޭގައެވެ.

މުލި-ނާލާފުށި ކޯޒްވޭ އަކީ 565 މީޓަރުގެ ކޯޒްވޭއެކެވެ.

މި މަޝްރޫއު ނިމެގެންދާއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުންވެސް ހިމެނެއެވެ.

‎މުލި އަދި ނާލާފުށި ގުޅާލުމުން މަރުކަޒީކޮށް ހިދުމަތްތައްދީ، ވަސީލަތްތައް ހިއްސާ ކުރުމަށް ފަސޭހަވެގެންދާނެއެވެ.

އަދި މީގެސަބަބުން ދެރަށް އެއްކޮށް އިގްތިސާދީ ގޮތުން ކުރިއެރުވުމަށްވެސް ފަސޭހަވެގެންދާނެއެވެ.

މީގެ އިތުރުން ދެ ރަށުގެ އިޖުތިމާއީ ގުޅުން ބަދަހިވެ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްވެސް ފަސޭހަވެގެންދާނެއެވެ.