އަމިއްލަ ގެދޮރު ނެތް ރައްޔިތަކު ނެތްކަން ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ޕީއެސްއެމް ނިއުސް އަށް ރައީސް މުއިއްޒު ވިދާޅުވީ، އުމުރުން 18 އަހަރުވެ، އަމިއްލަ ގެދޮރެއް ނެތް ކޮންމެ މީހަކަށް ވެސް އަމިއްލަ ގެދޮރު ކަށަވަރުކޮށްދީ އެކަމުގެ ލިޔުން މި އަހަރު ނިމުމުގެ ކުރިން ދޭނެކަމަށެވެ.

އެގޮތުން އެއްވެސް ބޯހިޔާވަހިކަމެއް ނެތް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ގޯތި ނުވަތަ ފްލެޓް ކަށަވަރުކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވެރިކަމުގެ ދައުރު ނިމޭއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް، ހުރިހައި ރައްޔިތުން ގެދޮރުވެރި ކުރުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

”އެމީހުންނަށް އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް ލިބޭނެކަން ކަށަވަރުކޮށްދޭނަން. ރަސްމީގޮތުން އެކަން ކަށަވަރުކޮށް، މިއަހަރު ނިމުމުގެ ކުރިން ލިޔުން ދޭނަން.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލިޔުން ހަވާލުކުރާއިރު އެމީހަކަށް ގޯތި ނުވަތަ ފްލެޓް ލިބޭ ތަން ޔަގީންކޮށްދެއްވާނެކަމަށެވެ.

އަދި މާލެ ސަރަޙައްދުގައި ހިއްކާ ބިންތަކުން، އެމީހަކު އެދޭ ތަނަކުން ގޯތި ނުވަތަ ފްލެޓް ހަމަޖައްސަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.