ޗިކުންގުންޔާ މި ދުވަސްވަރު ފެތުރެމުންދާތީ އީދު ބަންދުގައި ދަތުރުކުރާ ފަރާތްތަކުން، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ދަނީ ހަލުވިކަމާއެކު ފެތުރެމުން ކަމަށާއި މި ބަންދުގައި ދަތުރު ކުރާ ފަރާތްތަކުން މަދިރި ހެފުމުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

ޗިކުންގުންޔާއަކީ ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީސް މަދިރީގެ ޒަރިއްއާއިން ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން އެޗްޕީއޭއިން ބުނީ ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަކީ ރައްކާތެރި ވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް ކަމަށެވެ.