ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރުއާ ސުވާލު ކުރެއްވުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރުމަށް އެޖެންޑާކޮށްފިއެވެ.

މިނިމަމް ވޭޖު މުރާޖައާ ކުރުމާ ގުޅޭގޮތުން، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވަނީ މިނިސްޓަރާ ދެ ސުވާލެއް ކުރެއްވުމަށް ހުށަހަޅުއްވާފައެވެ.

ފުރަތަމަ ސުވާލުގައި ވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން ފެށިގެން މުރާޖައާ ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާއިރު ޖެނުއަރީ 2022 އިން ފެށިގެން މިހާތަނަށް 3 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ، މިނިމަމް ވޭޖް މުރާޖައާ ނުކޮށް ލަސްވަނީ ކީއްވެގެންތޯ އާއި މިނިމަމް ވޭޖް އެންމެ އަވަހަށް މުރާޖައާކޮށް ބޮޑު ކުރެވޭނީ ކޮންއިރަކުންތޯއެވެ.

ދެވަނަ ސުވާލުގައި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ގަވާއިދުތައް ހަދަންޖެހޭއިރު އެ ގަވާއިދުތައް ހެދުމުގައި މިނިސްޓަރު ގާނޫނާއި ހިލާފުވެފައިވާކަމަށް ބުނެ، ރައްޔިތުންނަށް ގާނޫނުން ލިބެންވާ ހައްގުތައް ނުލިބި ލަސްވާތީ ވަނީ ސުވާލު އުފައްދަވައިފައެވެ.

އަދި ގަވާއިދުތައް ހަދައި ގެޒެޓް ކުރެވޭނީ ކޮންދުވަހަކުންތޯ ވެސް ވަނީ ސުވާލު ކުރައްވާފައެވެ.