ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާކަން އިއުލާނު ކޮށްފިއެވެ.
ސޯލިހަށް ތާއީދުކުރާ ޓީމާއެކުގައި މާލޭގައި ބޭއްވި ކެއުމެއްގެ ތެރެއިން މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)އެވެ.
ސޯލިހު ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިއުލާނު ކުރެއްވިއިރު، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަލުން ސިޔާސީ މައިދާނަށް ނުކުންނަވަން ނިންމަވައި، އެމަނިކުފާނު ކުރިން އިސްކޮށް އުޅުއްވި ސިޔާސީ ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފައެވެ.
ރައީސް ނަޝީދު އަލުން އެމްޑީޕީ އަށް ސޮއިކުރުމުގެ ޖަލްސާ އޮންނަނީ މާދަމާ ރޭ ސަލްޓަން ޕާކުގައެވެ.
މިދިޔަ ރިޔާސީ ރޭހުގެ ފޯރީގެ ތެރެއިން ސޯލިހާއި ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެންދިޔައެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ ވެސް 2023 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބު ވެވަޑައިގެންނެވުމުން އުފެދުނު ދެބަސްވުމުގައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ސޯލިހު ވަނީ، މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުއާ ވާދަކުރައްވަވައި ނާކާމިޔާބީއާ ކުރިމަތިލައްވައިފައެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ދައްކާގޮތުން، 129،159 ވޯޓާ އެކު 54.04 ޕަސެންޓް ވޯޓު ރައީސް މުއިއްޒު ހޯއްދެވިއެވެ.
ރައީސް ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓާ އެކު 45.96 ޕަސެންޓެވެ.
އޭރު ކެމްޕެއިން ތެރޭގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، އެ ދައުރަށް ފަހުގައި، ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަންނަވާނެ ކަމަށެވެ.
ސޯލިހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަންފާޅުކުރެއްވިއިރު، މިދިޔަ ރިޔާސީ ދައުރުގައި ކޯލިޝަންގެ މައި ޕާޓީގެ ގޮތުގައި ވެރިކަން ކުރަމުން ދިޔަ އެމްޑީޕީ ބައިބައިވެ، އެ ޕާޓީން ވަކިވެ އުފެދުނު ޑިމޮކްރެޓްސްގެ އިސް ފަރާތްތަކެއް ވެސް އަލުން އެމްޑީޕީއާ ގުޅެން ވަނީ ނިންމައިފައެވެ.

