އިނގިރޭސިވިލާތުގެ ލަންޑަނުން، އިންޑިއާގެ މުމްބާއީ އަށް ދަތުރު ކުރަމުން ދިޔަ އެއާ އިންޑިއާގެ ފްލައިޓެއްގައި ތިބި ބައެއްގެ ސިއްހީ ހާލަތު ގޯސްވެ، ފަރުވާ ދޭން އްޖެއެވެ.
”ޓައިމްސް އޮފް އިންޑިއާ“ އިން ބުނީ، ފްލައިޓް AI-130 އިން ދަތުރު ކުރަމުންދިޔަ 11 މީހަކު ބަލިވި ކަމަށެވެ. އޭގެތެރޭގައި 6 ކެބިން ކްރޫއިން ވެސް ހިމެނެއެވެ.
މިކަން ކަށަވަރުކޮށްދީ، އެއާ އިންޑިއާ އިން ބުނީ، ދަތުރުމަތީގައި ބަޔަކު ހޮޑުލަވައި، ބޯ އަނބުރާ ގޮތްވި ކަމަށާއި، މިކަން ދިމާވީ ފްލައިޓުގައި ތިބި 7 މީހަކަށް ކަމަށެވެ. އެއާ އިންޑިއާ އިން މައުލޫމާތު ދިން ގޮތުގައި، އެއީ 5 ފަސިންޖަރުންނާއި 2 ކެބިން ކްރޫއިންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނައިރު، ބޮޑަށް ބެލެވެނީ، ބަލިވި އެންމެން ކާނާ ވިހަވީ ކަމަށް ކަމުގައި އެ އެއާލައިނާ ހަވާލާދީ، އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.
ފްލައިޓް މުމްބާއީއަށް ޖެއްސުމަށްފަހު، 2 ފަސިންޖަރަކާއި، 2 ކެބިން ކްރޫއިންނަށް ފަރުވާ ވެސް ދޭން ޖެހުނެވެ.
އިންޑިއާގެ ގުޖުރާތުގެ އަހުމަދުއާބާދު ސްޓޭޓުން ލަންޑަނަށް ދަތުރު ކުރަމުންދިޔަ އެއާ އިންޑިއާގެ ބޮއިން 787 ޑްރީމްލައިނާއެއް، ފުރިތާ މާގިނައިރުތަކެއް ނުވަނީސް ވެއްޓުނު ހާދިސާއަށްފަހުގައި އެއާ އިންޑިއާގެ ފްލައިޓު އޮޕަރޭޝަންތަކާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ފްލައިޓު ވެއްޓުނު ހާދިސާގައި އެއިން ދަތުރު ކުރި 200އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

