މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް އިއްޔެ ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު މީހާ އަދިވެސް ފެނިފައިނުވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް, މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މިއަދު ބުނެފިއެވެ.

ސިވެކްގެ ލޭންޑިން ކްރާފްޓެއް ކަމަށްވާ ”އެލްސީ 308“ އިއްޔެ ބަންޑުން ޖަހައިލީ، ޅ. ކުރެންދޫގެ ހުޅަނދު ދެކުނުން ހަތަރު މޭލު ބޭރަށެވެ.
އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަަށް ލިބުނީ ހެނދުނު 10:30 ހާއިރެވެ.
އެ އުޅަނދުން ހަ މީހުން ދަތުރުކުރިއެވެ. އެއީ ތިން ސިފައިންނާއި ތިން ބިދޭސީންނެވެ. އޭގެ ތެރެއިން ގެއްލުނީ ދެ މީހުންނެވެ.
އިއްޔެ އެމްއެންޑީއެފުން ކުރި މަސައްކަތުން އެތަނުން އެކަކު ހޯދުނުއިރު އެ މީހާ އޮތީ ނިޔާވެފައެވެ. އެއީ ސިފައިންގެ މީހެއް ކަމަށްވާ، ތ. ހިރިލަންދޫ، ސީރީނުގެ، ވޮރަންޓް އޮފިސަރު ދޭއް، އަލީ ހާމިދުއެވެ.
ސިފައިންގެއަށް 27 އަހަރު ހިދުމަތް ކުރެއްވި ހާމިދު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިތާމަފާޅުކުރައްވައި، އޭނާގެ އާއިލާއާއި މުއައްސަސާއަސް ތައުޒިޔާ ވިދާޅުވެފައެވެ.