ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވާ ގޮތުން ފަތުރުވެރިކަން މިހާތަނަށް ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން ހއ، ހދ، ށ، ތ، ލ އަތޮޅުގެ އިތުރުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކޮށް އިންވެސްޓްމަންޓް އިތުރުކުރުމަށް އެ ސަރަހައްދުތަކުގައި ރިސޯޓު ތަރައްގީކޮށް އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އުސޫލެއްގެ ދަށުން ލުއިތަކެއް ހަމަޖައްސައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ، އެ ނިންމެވުމާ އެއްގޮތަށް ލުއިތައް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިއީ ”ހަލާލް ޓޫރިޒަމް“ ގެ ކޮންސެޕްޓަށް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ އިންވެސްޓަރުންނަށް ހިތްވަރު ދިނުމަށް ނިންމެވި ނިންމެވުމެކެވެ.
މިގޮތުން ލިބިގެންދާނެ ލުއިތަކުގެ ތެރޭގައި:
- ލީސް އެކުއިޒިޝަން ކޮސްޓް އިތުރު 20 އިންސައްތަ ދަށްކުރުން.
- ލީސް އެކުއިޒިޝަން ބަހާލައިގެން ދެއްކޭނެ މަގު ފަހިކުރުން. މިގޮތުން، ރިޒޯޓު ތަރައްގީ ކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި ލީސް އެކުއިޒިޝަން 5 ވަނަ އަދި 6 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި ދައްކާގޮތަށް ހަމަޖެއްސުން.
- ރިޒޯޓް ތަރައްގީކުރުމަށް ދީފައިވާ މުއްދަތު (ގްރޭސް ޕީރިއަޑް)ގެ ކުރިން ރަށް ނުވަތަ ފަޅު އޮޕަރޭޓްކުރާ ހާލަތުގައި، އެދުވަހުން ފެށިގެން ގްރޭސް ޕީރިއެޑްގެ ބާކީ އޮތް މުއްދަތަށް އަރާ ބިމު ކުލި ފަސްކޮށްދިނުމުގެ ބަދަލުގައި އެއްކޮށް މައާފު ކޮށްދިނުން.
- މީގެ އިތުރުން، ރިޒޯޓެއް ތަރައްޤީކުރުމަށް ގެންނަ ތަކެއްޗަށް (ކެޕިޓަލް އިންވެސްޓްމަންޓް) 20 އިންސައްތަ އާ ހަމައަށް ޑިއުޓީ މައާފްކޮށްދިނުން. އަދި ތަންތަން ތަރައްގީ ކުރުމަށް ގެންނަ ފަރުނީޗަރާއި، ކިޗަން އެޕްލައިންސްސަސްއާއި އިލެކްޓްރޯނިކް އަދި އެހެނިހެން އެމެނިޓީސް ޑިއުޓީ މާފުދޭ ކެޓެގަރީއަށް އިތުރުކުރުން.
މި ލުއިތަކުގެ ސަބަބުން މުސްލިމުންނާ ރައްޓެހި މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިތުރަށް ތަރައްގީވެ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގު ފަހިވެގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

