ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓް 500 އަށް ބޮޑު ކޮށްފިއެވެ.

ބީއެމްއެލްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއެކު ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ ގޮތް އިތުރުކުރުމަށްޓަކައި، ޑެބިޓް ކާޑުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރި ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓުތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމުގެ ގޮތުގެ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައްވެސް ރާއްޖެއިން ބޭރަށް ގެންގޮސް އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށް ބީއެމްއެލުން ބުންޏެވެ.

”އެހެންކަމުން މުދަލާއި ހިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމްއިން ރާއްޖެއުން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރެވެ. އަދި އޭޓީއެމްއިން ފައިސާ ނަގަން ޗާޖް ކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރެވެ.“ ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލުން ބުނީ ޑެބިޓް ކާޑުތަކުން ރާއްޖޭއިން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށެވެ.

”އެހެންކަމުން މިގޮތަށް ފާހަގަކުރެވޭ ބައެއް މަދު ސައިޓުތަކުން (މިވަގުތު، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން އެކަނި) ފައިސާ ދައްކާއިރު 30 ޕަސަންޓާ ހަމައަށް ފީއެއް ނެގޭނެއެވެ.“ ބީއެމްއެލުން ބުންޏެވެ.

އެ ފީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުން އަދި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތައް ނުހިމެނޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ރާއްޖެއި ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލާ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން އިސްކަންދެނީ ރާއްޖެއިން ބޭރުން ޑެބިޓް ކާޑުތަކުން ކުރެވޭ މުއާމަލާތްތަކުގައި އާންމު ފަރުދުންގެ ޒަރޫރީ ބޭނުންތަކަށް ރަނގަޅު ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.

ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައަޅާ ލިމިޓް ބެލުމުގައި މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާއި ހަމައަށްކަމަށް ބީއެމްއެލުން ބުންޏެވެ.