ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސިންގަޕޫރުގެ ފުޑް އެޖެންސީއަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.
ރައީސްގެ އަނބިކަނބަލުން ފުޑް އެޖެންސީއަށް ވަޑައިގަތުމާއެކު އެ ކަމަނާއަށް މަރުޙަބާ ދެންނެވީ އެ އެޖެންސީގެ ޑެޕިއުޓީ ޖެނަރަލް އޮފް ފުޑް އެޑްމިނިސްޓްރޭސަން، ޑޮކްޓަރ ޓޭން ލީ ކިމްއެވެ.
ރައީސްގެ އަނބިކަނބަލުންގެ މި ޒިޔާރަތުގައި އެ އެޖެންސީގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ސިންގަޕޫރުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި ރެގިއުލޭޓަރީ އުސޫލުތައް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ސިންގަޕޫރުގެ ފުޑް އެޖެންސީއަކީ ސިންގަޕޫރުގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ އެ ގައުމުގެ ގައުމީ ޖަމުޢިއްޔާއެވެ.
އެ އެޖެންސީގެ މައިގަނޑު މަގުސަދަކީ ދިރާސާތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ އެހީގައި ކާބޯތަކެތީގެ އުފެއްދުންތައް އިތުރުކުރުކޮށް އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކުރުމެވެ.

