ކ.ގުޅީފަޅުން ދޫކުރި ގޯތިތަކުގެ ލޮކޭޝަން ބަދަލުވެފައި ވާތީ، އައު ގޯތީގެ ރަޖިސްޓްރީ އާއި ގޯތި ދޫކުރުމުގެ އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، މޭ 30ވަނަ ދުވަހު ޝާއިއުކުރި ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭންގެ ސަބަބުން، ކުރިން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާކަމަށެވެ.

ގުޅީފަޅުން ގޯތި ލިބޭ މީހުންނަށް ކުރިން ދޫކޮށްފައިވާ ”ބަންޑާރަ ގޯތީގެ ރަޖިސްޓްރީ“ ބާތިލްކޮށް، ކުރިން ސޮއިކޮށްފައިވާ ”ބަންޑާރަ ގޯތީގެ އެއްބަސްވުން“ މި ބަދަލުގެ ސަބަބުން އުވައިލައިފައި ވާކަން މި އިއުލާނުގައި ފާހަގަކޮށްފައި ވެއެވެ.

އަދި ގުޅީފަޅުން ލިބިފައިވާ ގޯތީގެ ލޮކޭޝަން ކަނޑައެޅުމަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި މީގެ ކުރިން ގުރުއަތުނެގުމެއް ބާއްވައި ފައިވާކަން ވެސް ފާހަގަކޮށްފައި ވެއެވެ.

ހައުސިން މިނިސްޓްރީން ބުނީ، އެހެންކަމުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އައު ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އާއި ބަންޑާރަ ގޯތީގެ އެއްބަސްވުން މިއަދުން ފެށިގެން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ގޯތީގެ ރަޖިސްޓްރީއާއި އެއްބަސްވުމާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދެވޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

ކޮންމެ ގަޑިއަކަށް ވެސް އެޕޮއިންޓްމަންޓް ދޫކުރާނީ ވަކި އަދަދަކަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ލިޔެކިޔުންތައް ދޫކުރަން ހަމަޖެހިފައި ވަނީ، އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެންނެވެ.