ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުޅަނދެއްގައި އަލިފާން ރޯވެ ހިނގި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އިއްޔެ ހިނގި މި ހާދިސާގައި އެންމެ ބޮޑަށް އަނިޔާވެފައިވަނީ ދޯނީގެ ވެރިފަރާތަށް ކަމަށްވާއިރު، އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފައިވަނީ އިއްޔެ އެވެ. އެ މީހާއަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އަލިފާނުގެ ހާދިސާގައި ދޯނީގައި މަސައްކަތް ކުރާ ބިދޭސީއަކަށް ވެސް އަނިޔާވެފައިވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ތެޔޮ އުފުލާ އުޅަނދުގައި ރޯވީ ފުރަންވެގެން އިންޖީނު ޖައްސާލި ވަގުތުއެވެ.
މި ހާދިސާގައި އުޅަނދަށް ބޮޑެތި ގެއްލުންތަކަށް ވަނީ ވެފައެވެ.

