މާލޭގެ ގެއަކުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާއީލް ސާއިފް (39އ)އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ބުނީ މާލެ، މައްޗަންގޯޅި ގެއެއްގެ ތިޖޫރީއެއް ވަަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން، ތަހުގީގުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެ، އެ ތިޖޫރީ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ އިއްޔެ 11:05 ހާއިރު މާވެޔޮ މަގުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސާއިފް ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، ތިޖޫރީން ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.