އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށާއި، އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނުގެ މެސެޖުގައި، އަންނަ އަހަރު، ދިވެހިރާއްޖެ އާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމު ކުރިތާ 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެއްވުމަށް ކުރައްވާ އުއްމީދުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.

އަދި އެ މުނާސަބާ ވެގެންދާނީ ދެ ގައުމުގެ ދިރުންހުރި ގުޅުން ދައްކުވައިދޭ މުނާސަބަތަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެކަމުގެ އިތުބާރު އެބައޮތްކަން ހާމަކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.