ޗައިނާގެ ވެއިހައި ކިއުޒީ ބްލޫސީ ފުޑްސް ކޯ ލިމިޓެޑް އަދި ޖިންގްވޭޑާއޯ ބްރޭންޑް ޓީމުން ރާއްޖޭގައި ބާނާ މަހުން އުފައްދާފައިވާ ފުރަތަމަ ސާމްޕަލް ބެޗްގެ މަސްދަޅުތައް ކާމިޔާބުކަމާއެކު ބަންދުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބެޗުގައި އުފައްދާފައިވާ ސާމްޕަލްތައް ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަޒީލް ނަޖީބަށް މިހާރު އަރުވާފައިވާ ކަމަށެވެ.

އެއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، އެ އެއްބަސްވުމުގެ ދަށުން އިމްޕޯޓް ޑިއުޓީއާ ނުލައި ދިވެހި މަސްވެރި އުފެއްދުންތައް ޗައިނާއަށް އިމްޕޯޓް ޑިއުޓީ ނުނަގައި އެތެރެކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މި ކާމިޔާބީއަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ދެމެހެއްޓެނިވި މަސްވެރިކަމާއި ސަރަހައްދީ އެއްބާރުލުން އިތުރުވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޓްރެޓެޖިކް ވިޝަންގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްގެ ނަތީޖާ ކަމުގައެވެ.