ޖަމުއިއްޔަތުލް ފަލާހުގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ރައީސް ޑރ.މުހައްމަދު މުއިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ ރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ރަސްމިއްޔާތުގައި، ޖަމުއިއްޔަތުލް ފަލާހުގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ އެމަނިކުފާނަށް ވަނީ އަރުވާފައެވެ. އަދި މުޅި މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސްއެވެ.
ޖަމުއިއްޔަތުލް ފަލާހަކީ ކީރިތި ޤުރުއާނުގެ އިލްމު ފެތުރުމާއި، ތައުލީމު އުނގަންނައިދިނުމުގެ ފަހުރުވެރި ތާރީހެއް އޮންނަ ޖަމުއިއްޔާއެކެވެ. ފަލާހު ޕްރީސްކޫލާއި ފަލާހު ޤުރުއާން ކުލާސްވެސް ހިންގާ މި ޖަމުއިއްޔާއިން ހިންގާ ޤުރުއާން މުބާރާތަކީ ދިވެހިރާއްޖޭގައި، މެދުކެނޑުމެއް ނެތި ބާއްވަމުން އަންނަ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ.
ޤުރުއާނުގެ އިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ.
އެގޮތުން މި ހިނގާ ޖުލައި މަހުން ފެށިގެން، ރާއްޖޭގައި ޙާފިޒުންނަށް ދޭ އެލަވަންސް ވަނީ ދެ ގުނައަށް އިތުރުކުރައްވާފައެވެ.
މީގެ އިތުރުން ޤުރުއާނާއި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް މާލީ ތަނަވަސްކަން ދެމެހެއްޓެނި ގޮތެއްގައި ލިބެމުންދާނޭ މަގު ފަހިކުރުމުގެ ގޮތުން، ވަގުފް އިމާރާތްތައް ބިނާކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

