ސައުދީ އަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޔަހްޔާ ހަސަން އަލްގަހްތާނީ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ.
ސައުދީ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ، ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އަގުހުރި އެހީތެރިކަމާއި އެއްބާރުލެއްވުމަށް، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސައުދީ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށާއި ވަލީއަހްދަށާއި އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދަށް ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމާ ގުޅިގެން ރައީސް ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ އަގުހުރި ހިދުމަތްތަކަށާއި، ހައްޖު އަދި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާ އެކި ފަސޭހަތަކާއި ކުރިއެރުންތަކަށް އެމަނިކުފާނު ތައުރީފުކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ރާއްޖެއާއި ސައުދީ އަރަބިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން، ރައީސްއާއި ސައުދީ އަރަބިއްޔާގެ ސަފީރު ދެއްވަމުންނެވެ.
ދިވެހިރާއްޖެއާ ސައުދީ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުގައެވެ.

