މާލެ، މައްޗަންގޯޅި ގެއަކުން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ބައެއް ތަކެތި ފުލުހުން ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން، އޭގެ ތެރެއިން ބައެއް ތަކެތި ހޯދާފައިވަނީ އެ މަހުގެ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައެވެ.

އެ ގެއިން ވަގަށް ނެގި ތަކެތީގެ ތެރެއިން ފުލުހުންގެ މަސައްކަތުން މިހާތަނަށް ހޯދިފައިވާ ތަކެތީގެ ތެރޭގައި، އައިފޯނު، ލެޕްޓޮޕް، އެކި ބްރޭންޑުތަކުގެ އަވިއައިނު، ޕްރިންޓަރު،، އެކި ބްރޭންޑުތަކުގެ ހާޑު އަދި ސްޕީކަރުގެ އިތުރުން އަތުކުރީ ގަޑިއާއި އެހެނިހެން ތަކެތި ހިމެނެއެވެ.

ފުލުހުން ބުނީ، މި ތަކެތީގެ އަގު 60000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށެވެ.

އެ ގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ޖުމުލަ އަގު 72000 ރުފިޔާއަށް ވުރެ ބޮޑުވާނެ ކަމަށް ވެސް ވެރިފަރާތުން މައުލޫމާތު ދީފައިވެއެވެ. މި މައްސަލާގައި، މިހާތަނަށް ނުފެނިވާ ތަކެތި ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.