ގދ.ގައްދޫ އިން ފުރައިގެން، ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުހައްމަދު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގައި މިއަދު ހެނދުނު އެ ހާދިސާގައި ގެއްލިފައިވާ ޑިންގީ ފެނިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ޑިންގީ ފެނިފައިވަނީ ގދ. ގައްދޫއާއި ދެމެދު އޮންނަ ކަނޑު އޮޅީގެ 10 މީޓަރު އަޑިންކަމަށެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިޑައިވްކޮށްފައިވަނީ ސިފައިންނާއި ފުލުހުން ގުޅިގެން ކަމަށެވެ.
އެހެން ނަމަވެސް މި ހާދިސާގައި ގެއްލިފައިވާ ޒަކަރިއްޔާ މުޙައްމަދު އަދިވެސް ފެނިފައި ނުވެއެވެ.
ޒަކަރިއްޔާ ހޯދުމުގެ މަސައްކަތުގެ ދަށުން ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރަހައްދެއް މިހާތަނަށް ވަނީ ބަލާފައެވެ.

