މަސްތުވާތަކެއްޗާއެކު މާލެއިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން، ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ، މާލެ، އަހުމަދު ނަޒްމީން (28އ) އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މިހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހިންގި މި އޮޕަރޭޝަނުގައި މިމީހާއާއި ގުޅުންހުރި ކަމަށް ބެލެވޭ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި މިތަން ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 214 ގުރާމެވެ.
މީގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 16،800 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ނަޒްމީން (28އ) ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

