ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ނަން މިއަދު ބަދަލުކުރައްވައިފިއެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ނަން ބަދަލުކޮށްފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށެވެ.

މި ކުންފުންޏަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށްޓަކައި އިސްތިރާޖީ ގޮތެއްގައި ސަރުކާރުގެ ފަރާތުން ކުރަމުންއަންނަ މަސައްކަތްތަކުގެ ތެރެއިން، ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށާއި، މަތީ ފެންވަރުގައި ދުނިޔޭގައި ފާހަގަކުރެވޭ ފަދަ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ކުރަންޖެހޭ މާކެޓިން، ޕްރޮމޯޝަން އަދި އިޝްތިހާރުކުރުމުގެ އެންމެހައި މަސައްކަތް، ސީދާގޮތުންނާއި އިސްތިރާޖީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މެދުކެނޑުމެއް ނެތި ކުރުމަށް އެކުލަވާލާފައިވާ ކުންފުންޏެކެވެ.

ރައީސުލްޖުމްހޫރިއްޔާ އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނަށް ބަދަލު ކުރައްވާފައިވާއިރު ޓޫރިޒަމާ ގުޅުންހުރި ބައިނަލްއަގުވާމީ ހުރިހާ ހަރަކާތެއްގައިވެސް މިހާތަނަށް އެ ކުންފުނިން ބޭނުން ކުރަމުން އަންނަނީ ”ވިޒިޓް މޯލްޑިވްސް“އެވެ.

އެ ކުންފުނިން ވަނީ ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާ ލޯގޯއަށް ބަދަލުތަކެއްވެސް ގެނެސްފައެވެ.