ވެރިރަށް މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދުގެ މައްޗަށްކުރެވޭ ކަށުނަމާދު މިއަދު އަސުރު ނަމާދަށްފަހު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މި ކަށު ނަމާދު އޮންނާނީ އަސުރު ނަމާދަށްފަހު، އާސަހަރާ މިސްކިތުގައެވެ.

ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި އެއެކްސިޑެންޓުގައި ސައިކަލުގައި ތިބީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.

އެކްސިޑެންޓް ހިނގީ، އެ ދެކުދިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން، ޒިބްރާ ކްރޮސްގައި މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހެއްގެ ގައިގައި ޖެހި އަދި އެ ތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި 17 އަހަރުގެ ކުއްޖާ ވަނީ ނިޔާވެފައެވެ.

ނިޔާވީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ.

އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަ 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސްއެވެ.

ފުލުހުން މިއަދު ބުނީ، އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ އަލްސަން ކަމަށެވެ.