ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު، ހދ. ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ގޮންޖެހުންތައް، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވާފައެވެ.
މިގޮތުން ކައުންސިލުން ވަނީ، ރަށު ސުކޫލުގެ ޖާގައިގެ ދަތިކަން ހުރުމުން ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވައި، އަލަށް އެޅުމަށް ހަމަޖެހިފައިވާ ކުލާސްރޫމް ތަކުގެ މަސައްކަތް އަވަސް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އަލަށް ހަދާފައިވާ ހައުސިންގ ޔުނިޓުތަކުގެ ފެނާއި ނަރުދާމާގެ މައްސަލަ ހައްލުކޮށްދެއްވުމާއި، ރަށުގައި ފަތުރުވެރިކަން ފުޅާކުރުމުގެ މުހިންމުކަން މެންބަރުން ފާހަކުރެއްވިއެވެ.
އަދި ރަށުގައި ކުނި މެނޭޖުކުރާނެ ގޮތެއްނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސިއްހީ މަރުކަޒުގެ ހިދުމަތްތައް ރަނގަޅުކުރަން ބޭނުންވާކަމާއި ރަށުގައި އިތުރު މަސައްކަތްތަކެއް ފެއްޓުމަށް ބޭނުންވާކަންވެސް ކައުންސިލު މެންބަރުން ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކައުންސިލުން ހުށަހެޅުއްވި ކަމަކަށް ސަމާލުކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށްޓަކައި، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން ކުރިއަށްގެންދަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

