ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މާފަރު ކައުންސިލާއި، އތމ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލައްވައި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މާފަރު ފެނަކަ އިމާރާތުގައެވެ.

ރަށު ކައުންސިލްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ރަށުގެ ސިއްހީ އަދި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ބައެއް ކަންކަމުގެ މައުލޫމާތު ރައީސް ހިއްސާކުރައްވާފައިވެއެވެ.

މީގެ އިތުރުން މާފަރުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރާއި ގުޅިފައިވާ އެކިއެކި ކަންބޮޑުވުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ.

އެގޮތުން މާފަރު އެއަރޕޯޓުގެ ޓަރމިނަލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެކިއެކި ކަންކަން މެންބަރުން ރައީސްއާއި ހިއްސާކުރެއްވިއެވެ.

ރައީސް ވަނީ މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި މާފަރުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ އެ ރަށުގައި ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި، މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާންއެވެ.