ނ. ލަންދޫ ރައްޔިތުންނަށް ބޭނުންވާ ކަންކަން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން، ވީ އެންމެ ރަނގަޅަކަށް، މިސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަންދެއްވާފައި ވަނީ މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު އެ ރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ލަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރަށުގެ ތަރައްގީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައި ހުރި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައްޔިތުން އެދޭފަދައިން އެ މަޝްރޫއުތައް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
އެގޮތުން އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް، ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ގޮތް ހެދުމަށްޓަކައި ކުރަންޖެހޭކަންކަން ހަމަޖެހި، ހިދުމަތް ދިނުމަށް ބޭނުންވާ އިތުރު މުވައްޒަފުން ހަމަކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި ސިއްހީ ދާއިރާއަށް ބޭނުންވާ މިނޫންވެސް ކަންކަން ފުރިހަމަކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އެގޮތުން، ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަން ފެށިފައިވާއިރު، އިތުރަށް ފުރިހަމަ ކުރަންޖެހޭ ބައެއް މަސައްކަތްތައްވެސް ދާދި އަވަހަށް ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ވަކީން ޚާއްޞަކޮށް، ހޭންޑްބޯލް ކޯޓު ތަރައްޤީ ކުރުމަކީ ރާއްޖޭގެ ގިނަ ރަށްތަކަށް ބޭނުންވެފައި އޮތް ކަމަކަށް ވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި ސީދާ އެކަމަށް ޚާއްޞަ ކުރައްވައިގެން ހޭންޑްބޯލް ކޯޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ނ. ލަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި މޫދަށް އެރި އުޅުމަށް ޚާއްޞަ ސަރަޙައްދެއް ތަރައްޤީ ކުރުމުގެ ވަޢުދަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަސައްކަތް 7 ވަނައަށް ފަށަން އޮތް ބެޗުގައި ނ. ލަންދޫ ހިމަނުއްވާނެކަމަށެވެ.
މިއާއެކު މިއަހަރުގެ ސެޕްޓެމްބަރު މަހާ ހިސާބުގައި އެއްބަސްވުމުގައި ސޮއިކުރުމާ ހިސާބަށް ގެންދެވި، ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތްތައް ފަށްޓަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

