ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބާއްވާ މަގުމަތީ ހިނގާލުން މާލެއާއި ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން، މާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 16:15ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މާޗް ޕާސްޓާއި ކުޅިވަރުގެ ހަރަކާތްތަކާ އެކުގައެވެ.
އަދި، ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ އާދީއްތަ ދުވަހުގެ ހަވީރު 16:15ގަ އެވެ.
އެމްއެންޑީއެފްގެ މަގުމަތީ ހިނގާލުމުގައި، މިލިޓަރީ ބޭންޑާ އެކު، ފަސް ގެމައެއް ހިމެނޭނެއެވެ.
މި މަގުމަތީ ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ކާނަލް ހުސައިން އަލީއެވެ.
މާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ވެލާނާގޭ ކަންމަތިން ފަށައިގެން ލަޝްކަރު ފަސް ސަރަހައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު
ޖަންކްޝަން، މިލިއަން ބުކްޝޮޕް ކައިރި، ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތީގައި ލަޝްކަރު މަޑުކޮށް، މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ.
އަދި ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރާންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ.

