ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް ވަރުގަދަކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ކިޔުއްވި މަރުހަބާއިން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

އަދި، ކުރިއަށް އޮތް ތަނުގައި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް އެކުވެރިކަން އާ ހަރުފަތަކަށް ގެންގޮސް ވަރުގަދަކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީގެ މި ދަތުރުފުގެ ތެރެއިން މިއަދާއި މާދަމާ ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.

އެގޮތުން، މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ޝަރަފުވެރިކޮށްދެއްވާނީ މޯދީއެވެ.

އެނގިފައިވާ ގޮތުގައި ރަސްމީކޮށް މޯދީއަށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު މެންދުރު ފަހު ރަސްމީ ފާލަން ސަރަހައްދުގައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒާ އެކު ބާއްވަވައި މަޝްވަރާތަކުގެ ތެރެެއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން އުންމީދުކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.