އަޅުގަނޑުމެންނަކީ ފަހުރުވެރި މިނިވަން ގައުމެއް ކަމަށާއި މި ގައުމުގެ ކޮންމެ އަކަ އިންޗިއެއް ބަހަލައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި މިނިވަންދުވަހެއްގައި، ސިފައިންނާއި ފުލުހުން އެކުގައި ބައިވެރިވާ މިފަދަ ޖަލްސާއެއް ބޭއްވެވި ފުރަތަމަ ފަހަރެވެ.
ދިވެހި ސިފައިންނާއި ފުލުހުންނަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވަނީ، އެކަމާ ބައެއް ފަރާތްތަކުން ސުވާލުއުފައްދަވާކަން ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ޤައުމު އަބަދުވެސް އޮންނަންޖެހޭނީ ރައްޔިތުން ހިމާޔަތްކުރުމަށް ތައްޔާރަށްކަމަށެވެ.
ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދު ބޮޑުކަން ފާހަގަކުރައްވައި، އާބާދީ ކިތަންމެ ކުޑަނަމަވެސް ޤައުމުގެ ކަންކަން ބަލަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވިދާޅުވިއެވެ.
ފަންނީ ގޮތުންނާއި ތަކެތީގެ ގޮތުން އެހެން ޤައުމުތަކުގެ އެހީތެރިކަން ހޯއްދަވަންޖެހޭނެކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެކަމުގައި ސަރުކާރު އޮންނާނީ ހުރިހާ ގައުމަކާއިވެސް އެކުގައިކަމަށެވެ.
ނަމަވެސް، އެހެން ބަޔަކުއައިސް ދިވެހި ޤައުމުގެ ކަންކަމާއި ޙަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއްނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި، ދިވެހިރާއްޖެ މިނިވަންކޮށްދެއްވުމަށް މަސައްކަތްކުރެއްވި ޤައުމީ އަބުތާލުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއަށް ޝުކުރުވެރިވާންޖެހޭ ކަމަށާ އަންނަން އޮތް ޖީލަށް ގައުމު މިނިވަންކަންމަތީ، ސަލާމަތްތެރިކަމާއި އެކީ ފޯރުކޮށްދެއްވުމަކީ ޒިންމާއެއް ކަމުގައި އެކަމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ މިނިވަންކަމާއެކު ދިގު މާޒީއެއް ހޭދެކުރި ގައުމެއް ކަމަށާ މިނަވަންކަން ގެއްލިގެންދިޔަ މަދުފަހަރެއްގައި، އެ މިނިވަންކަން ހޯއްދެވުމުގައި ގައުމުގެ އަސްކަރީ ބާރާއި ސަލާމަތީ ހިދުމަތްތަކުން ކުރެއްވި މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ އިސްވާޖިބަކަށް ވާންޖެހޭނީ ސިފައިންނަށާއި ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށްޓަކައި ކޮށްދޭންޖެހޭ ކަންކަމަށް އިސްކަންދެއްވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިސަރުކާރު އެގޮތުގައި ދެމިއޮންނާނެ ކަމަށާއި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށެވެ.

