ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވައި، އެ މަސައްކަތް ފުރިހަމަވެގެންދިޔަ ކަމަށްޓަކައި ކުރީގެ ރައީސް ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ޝުކުރު އަދާ ކުރައްވައިފިއެވެ.
އައު ޓާމިނަލްގެ މަސައްކަތް ނިންމައި މިރޭ ހުޅުވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، އަހަރަކު 7 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ އައު ޓާމިނަލަކީ ރާއްޖޭގެ ތަރައްގީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެމަނިކުފާނު ވަނީ އެ ކާމިޔާބީގެ ފަހަތުގައި ދެ ސަރުކާރެއްގެ މަސައްކަތްވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރައީސް ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށާއި، ކުރީގެ ރައީސް ސޯލިހުގެ ސަރުކާރަށް ވެސް ޝުކުރުއަދާކުރައްވައިފައެވެ.
ކާމިޔާބީއަކީ ބުރަ މަސައްކަތުން ހާސިލުވާ އެއްޗެއް ކަމަށާއި، މިރެއަކީ އެފަދަ ބޮޑު ކާމިޔާބީއެއްގެ ނިމުން ފާހަގަކުރާ ރެއެއް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިހަ އަހަރުގެ ދިގު އިންތިޒާރެއްގެ ނިމުމަކީ އެއާޕޯޓުގެ އައު ޓާމިނަލްގެ މަންފާ މި ގައުމަށް ކުރުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން އެ އުފާ، ފަޚުރުވެރި މިނިވަން ދުވަހާ ގުޅުވައި ފާހަގަކުރައްވަން ނިންމެވީ ގަސްތުގައި ކަމަށާއި، އެއީ ވަރަށް މުހިންމު ސަބަބަކަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެއީ ދިވެހީންގެ ގައުމީ އެއާޕޯޓުގެ އައު ޓާމިނަލަކީ އިގްތިސޯދީ މިނިވަންކަމާއި ގުޅިލާމެހިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

