އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީއަށް އަލްވަދާއު ވިދާޅުވީ ބައެއް ވަޒީރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މޯދީ ރާއްޖެ ވަޑައިގެންނެވީ އިއްޔެ ހެނދުނުއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒުއެވެ.
އަދި، އެއަށްފަހު ބޮޑުވަޒީރު މޯދީއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދެންނެވިއެވެެ.
މޯދީގެ މި ދަތުރުފުޅަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ވެގެންދިޔަ ދަތުރުފުޅެއް ކަމަށް ސަރުކާރުން ބުނެއެވެ.
މޯދީގެ މި ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ރަސްމީ ވާހަކަތައް ކުރިއަށް ގެންދިޔައެވެ.
އަދި ފަަހުމުނާމާތަކާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރަށް ދެ ގައުމުގެ ގުޅިފައިވާ ބަޔާނެއްވެސް ނެރުނެވެ.
މޯދީ ވަނީ އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާ ކުރި ދެ ”އަރޯގްޔާ މައިތިރީ ހެލްތު ކިއުބް“ ރައީސުލްޖުމްހޫރިއްޔާއާއި ހަވާލުކުރައްވާފައެވެ.
މޯދީގެ މިދަތުރުފުޅުގައި އެމްއެންޑީއެފްގެ އާ އިމާރާތް، ދޮށިމޭނާ ބިލްޑިންގް ހުޅުއްވައިދެއްވިއެވެ.
އަދި މޯދީގެ ޝަރަފުގައި ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ފުރަމާނަ ޖާފަތެއް ދެއްވާފައެވެ.

