ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް މ. މާހުރާ، އަހްމަދު ސަލީމަށް އަރުވައިފިއެވެ.
މި ޝަރަފް ސަލީމަށް އެރުވީ ސޯސަލް ސެންޓަރުގައި މިހާރު ކުރިއަށްދާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ގައެވެ.
ސަލީމް ދައުލަތަށް ހިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރު، އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވައިފައިވަނީ ރާއްޖޭގެ ހާރިޖީ ދާއިރާގައެވެ.
އޭނާ ދައުލަތުގެ ހިދުމަތާ ގުޅިވަޑައިގަތީވެސް އެ ދާއިރާއިން 7 ޖުލައި 1968 ގައެވެ.
އެގޮތުން ހާރިޖީ ދާއިރާގައި އަހްމަދު ސަލީމް ވަނީ އެކިފަހަރުމަތިން 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ.
ސަލީމް އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، ދިވެހިރާއްޖެއިން ނޭޕާލަށް ކަނޑައަޅުއްވައިފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ މަގާމާއި، ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އަށް ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅި ޑިރެކްޓަރުކަމުގެ މަގާމާއި، ސާކް ސެކްރެޓެރީ ޖެނެރަލް ކަމުގެ މަގާމުވެސް އަޙްމަދު ސަލީމް ވަނީ ފުރުއްވާފައެވެ.
ޖުމްލަ ފަސް އަހަރާއި ހަމަސް ދުވަހު ސާކުގައި ސަލީމް ވަނީ ހިދުމަތް ކުރައްވާފައެވެ.

