ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި އެގޮތަށް އަމަލުކުރަން މިއަދުގެ އަސްރު ނަމާދުން ފެށިގެން ވާނީ ފަށާފައި ކަމަށެވެ.
ތިން ފަންގިފިލާގެ ޓާމިނަލް ފަރުމާކޮށްފައިވަނީ އަވަސް އަދި ފަސޭހަ ހިދުމަތްތަކެއް ފަސިންޖަރުންނަށް ލިބޭނެ ގޮތަށެވެ.
އެގޮތުން ސެލްފް ސާވިސް ކައުންޓަރުތަކާއެކު ޖުމްލަ 48 ކައުންޓަރުން ފުރަތަމަ ދުވަހުން ފެށިގެންވެސް ހިދުމަތްތައް ދެމުންދާނެއެވެ.
އާ ޓާމިނަލުން އެއްފަހަރާ 12 ބޯޓަށް ހިދުމަތް ދެވޭނެއެވެ. ޖުމުލަ ހަ ކޮންވޭޓާ ބެލްޓު އާ ޓާމިނަލްގައި ހުންނަ އިރު، ބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އިންތިޒާމުތައްވެސް މުޅީން އަލަށް ވަނީ ހަމަޖައްސައިފައެވެ.
އޮރަޓް ކޮންސަލްޓެންޓުގެ އިރުޝާދާ އެކު، އާ ޓާމިނަލް ބޭނުން ކުރަން ފަށާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.
މި ޓާމިނަލާއެކު، ރާއްޖެއަށް ދަތުރުކުރާ އެއާލައިންތައް އިތުރުވާނެއެވެ.
އާ ޓާމިނަލް ހުޅުވުމަށްފަހު އެންމެ ފުރަތަމަ އެތަން ބޭނުންކޮށްފައި ވަނީ ގައުމީ ވައިގެ ދަތުރުފަތުރުގެ ކުންފުނި، މޯލްޑިވިއަން އިންނެވެ.

