ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެއަށް ދިވެހި ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފިއެވެ.

މިރަސްމިއްޔާތަށް، ރައީސް ޑިސަނާޔަކެ ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ރައީސް ޑިސަނާޔަކެއަށް މަރްޙަބާ ދެންނެވުމުގެގޮތުން ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއްގެ އިތުރުން، އެމަނިކުފާނުގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ.

އަދި ދިވެހި އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑިސަނާޔަކެ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސް ޑިސަނާޔަކެއަށް ދިވެހި ދައުލަތުގެ އިއްޒަތްތެރީން މަރްޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި ސްރީލަންކާގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުންވެސް އޮތެވެ.

ރައީސް ޑިސަނާޔަކެގެ މި ދަތުރުފުޅަކީ، އެމަނިކުފާނު 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަދުވަހުގައެވެ.

މި އަހަރަކީ ދެ ގައުމުގެ މި ތާރީހީ ސިޔާސީ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.