ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާ ގުޅިގެން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) ގައި ދިރިއުޅޭ ފަރާތްތައް މުޖްތަމައުއަށް އަހުލުވެރިކޮށް، ރީއިންޓަރގްރޭޓް ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

އެޗްޑީސީން ބުނީ، މިއީ އެޗްޕީއެސްއެންގައި ދިރިއުޅޭ ފަރާތްތައް އަނބުރާ މުޖްތަމައުއަށް ދޫކޮށްލުމުގެ ކުރިން، އެމީހުން މުޖްތަމައުއަށް އަހުލުވެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް، އެ ކުންފުނީގެ ފަރާތުން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.

އެގޮތުން، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ 17 ފަރާތެއް ހުޅުމާލެއަށް ގެނެސް، އެމީހުންނަށް ހުޅުމާލެ ދައްކާލައި، ބެލެނިވެރިކަމުގެ ދަށުން އާންމު ދިރިއުޅުމުގައި ބައިވެރިވެ އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު އެޗްޑީސީން މިއަދު ވަނީ ފަހިކޮށްދީފައެވެ.

ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތައް ހުޅުމާލެ ގެނެސް، މުޅި ހުޅުމާލެ ދައްކާލުމަށް ޓުއާއެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

 

ހާއްސަ އެހީއަށް ބޭނުންވާ މީހުން މުޖްތަމައުއަށް އަހުލުވެރި ކުރުވުމަށް އެޗްޑީސީން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ އެޗްޑީސީ.

 

އަދި އާއިލީ މާހައުލެއްގައި ކެއުމުގެ އިންތިޒާމުތައްކުރިއަށް ގެންދިޔުމުގެ ގޮތުން ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާއިލާތަކާއެކު ދުވަހުގެ މެންދުރު ކެއުން ވަނީ ކުރިއަށްގެންގޮސްފައެވެ.

އާންމުންނާ އެކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތުވެސް އެމީހުންނަށް ވަނީ މި ދަތުރުގެ ތެރެއިން ފަހިކޮށްދީފައެވެ.

މުޅި ދުވަސް އެއްކޮށް ނިންމާލީ ހަވީރުގެ ސަޔާއެކު، ސެންޓްރަލް ޕާކުގައި އެފަރާތްތަކަށް ހާއްސަކުރެވިފައިވާ ހރަކާތްތަކާއެކުގައެވެ. އަދި މިނިވަންދުވަހަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ފުޅަނދުތައް ބަލާލުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

 

ހާއްސަ އެހީއަށް ބޭނުންވާ މީހުން މުޖްތަމައުއަށް އަހުލުވެރި ކުރުވުމަށް އެޗްޑީސީން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ އެޗްޑީސީ.

 

މި ދަތުރު ނިންމާލެވިފައިވަނީ އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން މިވަގުތު މަރުކަޒުގައި ތިއްބެވި ފަރާތްތަކަށް ޒަރޫރީ ބައެއް ސާމާނު ހަދިޔާކުރުމާ އެކުގައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ ފަރާތްތައް މިއަދު ހުޅުމާލެއަށް ކުރި ޒިޔާރާތުގެ ކުރިން، ހެލްތް މިނިސްޓްރީގެ މެންޓަލް ހެލްތް ޑިޕާރޓްމެންޓްގެ ބޭފުޅުންނާއެކު އެޗްޑީސީގެ ސްޓާފުން އަދި މެނޭޖްމަންޓުން ވަނީ މިދިޔަ ހަފްތާގައި ގުރައިދޫ މަރުކަޒުގެ ހާލަތު ބަލާފައެވެ.