ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.
ސްރީލަންކާގެ ރައީސްގެ ޝަރަފުގައި ރައީސް ދެއްވި ފުރަމާނަ ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސްރީލަންކާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ފޮރިންގް އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް ވިޖިތަ ހޭރަތު، ސްރީލަންކާއިން ދިވެރިހާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިންގ ހައި ކޮމިޝަނަރ ތިމުތު ޑިސާނާއެކަގެ އިތުރުން ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި، ދިވެހިރާއްޖެއަށް މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ސްރީލަންކާ ވަފުދުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވީ އިއްޔެ ހެނދުނުއެވެ.
ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.
އަދި މިއަހަރަކީ ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުނު ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.

