އަންޑަމަން ، އަދި އިންޑިއާގެ ނިކޮބަރ އައިލެންޑްސްއަށް ރޭ އައި ބިންހެލުމަކާ ގުޅިގެން ރާއްޖެއަށް ލޮޅުމުގެ އަސަރު ކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނިގޮތުގައި، ނިކޮބަރ އައިލެންޑްސްއަށް 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައި ވަނީ ރާއްޖޭ ގަޑިން ރޭ 11:41 ގައެވެ.
މި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިފައެއް ނުވެއެވެ.
މެޓުން ބުނީ، ބިންހެލުމާއި ގުޅިގެން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ލޮޅުމެއް އައިކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.
ގދ. ކާޑެއްދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑުކުރާ މީޓަރަށް ރާއްޖެ ގަޑިން ރޭ 11:48 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާކަން ރިކޯޑް ކުރެވިފައިވާ ކަމަށް ވެސް މެޓުން ބުނެއެވެ.
އަދި ރޭ އައި ބިންހެލުމާއި ގުޅިގެން އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.
ރޭގެ މި ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، އިމާރާތަކަށް ވެސް ގެއްލުން ވެފައި ނުވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

