ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް 4،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިކަން ހާމަކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ރައީސްގެ މުއިއްޒުގެ ވަޢުދާ އެއްގޮތައް ޖުލައި މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ބޮޑުކުރެވިފައިވާ ކަމަށެވެ.

”ހާފިޒުންނަށް ސަރުކާރުން ދެމުން ދިޔަ 2،000 ރުފިޔާގެ އެލަވަންސް ވަނީ 4،000 ރުފިޔާއަށް ބަދަލުކޮށް މިއަދު ޖަމާކޮށްފައި،“ ޝަހީމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖުލައި 16 ގައި ބޭއްވި ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ވެސް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރާނެ ކަމަށް ވިދާޅުވެފައެވެ.

މި ދައުރުގައި 500 ހާފިޒުން ބިނާ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.