ހއ. ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެ މީހަކު އެ ރަށުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް / ކަރނޭޝަންވިޔު، އަބްދުﷲ ފަސީހު (37އ) އާއި އެ ގެއަށް ނިސްބަތްވާ އިބްރާހީމް ކަލީމް (34އ)އެވެ. މިއީ އެއްބަނޑު އެއްބަފާ ދެބެއިންކަން އެނގިފައިވެއެވެ.

ފުލުހުން ބުނީ ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އެ ރަށު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 5.96 ގުރާމް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސީހު 15 ދުވަހަށް އަދި އިބްރާހީމް ކަލީމް 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ބާރަށު ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.