ޅ. ނައިފަރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ގެއްލިގެން ހޯދަމުންދަނީ، ޅ. ނައިފަރު، ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލެވެ. މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ވެސް އެ ކުއްޖާ ގެއްލިގެން ހޯދަން އިއުލާނު ކުރިއެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އެ ކުއްޖާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 10:25 އެހައިކަންހާއިރު ކަމަށެވެ.
އޭރު ލައިގެންހުރީ އަތްކުރު ވިލުނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ، އެކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ގުޅުމަށް އެދިފައެވެ.

