އުއްތަމަ ފަނޑިޔާރުގެ މަގާމަށް ހ. ހޯސްޓްސައިޑް އަބްދުލްޣަނީ މުހައްމަދު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި ޣަނީ، އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި ޣަނީއަށް މަގާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ ހުވައިކުރެއްވުމަށްފަހު ހުވައިގެ އިގުރާރުގައި ސޮއިކުރެއްވިއެވެ.

އަބްދުލްޣަނީ މުހައްމަދު ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަސިޓީން އެލްއެލްބީ (އޮނާސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގައި މާސްޓާސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްގައި 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިން ފުރިހަމަ ކުރައްވާފައެވެ.

އަދި ޑޮކްޓާ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުންނެވެ.

މި މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް އެމަނިކުފާނު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.

މީގެ އިތުރުން އިސްލާމިކް އުނިވަސިޓީ އޮފް މޯލްޑިވްސްގެ ސީނިއާ ލެކްޗަރާ ކަމާއި ވިލާ ކޮލެޖާއި ޒިކުރާ ކޮލެޖުގައި އެ މަނިކުފާނު ގެންދެވީ ކިޔަވައިދެއްވަމުންނެވެ.