ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބޭއްވުމަށް ހަމަޖެހިފައިވާ ދެ ވަނަ ބައިނަލްއަގްވާމީ ޒަކާތު މަހާސިންތާ އިންޒެކް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެގޮތުން، މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކުން މަޢުލޫމާތު ކަރުދާހާއެކު ތައްޔާރު ކުރެވިފައިވާ ގޫގުލް ލިންކު (https://forms.gle/xRcrmAgDUL9GwUvcA) މެދުވެރިކޮށް ބައިވެރިވުމަށް ރަޖިސްޓަރ ކުުރުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

މި މަހާސިންތާގައި އާއްމު ފަރުދުންނަށްވެސް ބައިވެރިވެވޭނެކަން ފާހަގަކޮށްލެވެއެވެެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިސްނަގައިގެން ބާއްވާ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެކެވެ.

މި މަހާސިންތާގައި ޢިލްމުވެރިންނާއި، މިމަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިގްތިސާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

ބައިނަލްއަގްވާމީ ދެވަނަ މަހާސިންތާގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާއީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ.

އަދި މީގެ އިތުރުން ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްގީ ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މި މަހާސިންތާގައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބާއްވާފައިވަނީ ނިމިދިޔަ 2024 ވަނަ އަހަރުގައެވެ.

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް/ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ.